އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ފަރާތްތަކަށް އޮޅުވާލައި، އެ ފަރާތްތައް އުމްރާއަށް ނުގެންދިއުމުގެ މައްސަލައިގައި އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް 130,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައިގައި އަސްކޮއި ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވެއެވެ. މީގެއިތުރުން ރަމަޟާން މަހު އުމްރާއަށް ގެންދިއުމަށް ކުރިއާލައި ފައިސާ ދެއްކި ނުވަ މީހުންނަށް ރިފަންޑު ދިނުމަށްވެސް އަންގާފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި މައްސަލަ ފާޅުވެގެން ދިޔައީ މިދިޔަ މާރިޗު މަހުގެ ކުރީކޮޅު، އަސްކޮއި ގްރޫޕުގެ އެހީގައި ރަމަޟާން މަހު އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ބަޔަކަށް ނުފުރިފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އޭރު ހިއްސާކުރެވުނު މަޢުލޫމާތުތަކުގައިވާ ގޮތުން، އަސްކޮއި ގްރޫޕުން ވަނީ ފައިސާ ނެގުމަށްފަހު އެތައް ދުވަހަކު އެ މީހުން އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓާފައެވެ.
އުމްރާއަށް ދިއުމަށް ދައްކާފައިވާ 252,000 ރުފިޔާ އަނބުރާ ދޭނެކަމަށް ބުނެފައިވަނީ މިދިޔަ އޭޕްރީލް 15 ގައި ކަމަށާއި، ނަމަވެސް އެ ފައިސާ އަދިވެސް ލިބިފައިނުވާކަމަށް މައްސަލައިގެ ޝަކުވާ ހުށަހެޅި ފަރާތްތަކުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ލަނޑު ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކުން ވަނީ އަސްކޮއިގެ ހުއްދަ ބާތިލްކުރުމަށް ގޮވާލާފައެވެ. މިފަދަ މައްސަލަތަކަކީ ރާއްޖޭގައި އާންމުކޮށް ދިމާވަމުންދާ ކަމެއްކަމާއި، ހައްޖާއި އުމްރާއަށް ދިއުމަށް ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ޖަމާޢަތްތަކުން ހިޔާނާތްތެރިވުމުގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހިންނަށް މިފަދަ ލަނޑުތައް ލިބެމުންދާކަން ފާހަގަކުރެވެއެވެ.


