ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ 'މޯލްޑިވްސް 2.0′ މަޝްރޫއުގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި މަޝްރޫއުގެ ދަށުން ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ)ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު އުފައްދަވާފައިވެއެވެ.
މި މަޝްރޫއަކީ ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، އަދި ޚިދުމަތުގެ ފެންވަރު މަތީ ނިޒާމެއް ކަމަށް ރައީސް ފާހަގަކުރައްވައި، "މިއީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލްވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިއަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާއެކު" ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ސަބަބުން ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖޭގެ ދަރަޖަ މަތިވެ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖޭގެ ދަރަޖަ މަތިވެގެންދާނެ ކަމަށް ރައީސް މުއިއްޒު އުންމީދު ފާޅުކުރައްވާފައިވެއެވެ.
އެހެންނަމަވެސް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މި މަޝްރޫއު ސިފަކުރައްވާފައިވަނީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކުރުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. މި ވާހަކައަށް ރައްދުދެއްވައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ މިއީ އީ-ވޯޓިންގ އާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.


