ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރވެ ވަޑައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ. ނަމަވެސް އެމަނިކުފާނު ރަސްމީކޮށް ރިޓަޔަރވެ ވަޑައިގަންނަވާނީ ރިޓަޔަމަންޓްގެ ފުރުސަތު ދެއްވަން ޖޭއެސްސީން ނިންމުމުންނެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ މި ނިންމެވުމުގެ ކުރިން، އެމަނިކުފާނު ވަނީ މަގާމުން ވަކިވެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވައިފައެވެ. މިގޮތުން ދާދިފަހުން ބޭއްވުނު ބާ ކައުންސިލްގެ ރަސްމިއްޔާތެއްގައި "ދެން އަހަރެން މި ހައިސިއްޔަތުން ރަސްމިއްޔާތަކުން ނުފެނުމަކީ އެކަށީގެންވާ ކަމެއް" ކަމަށް ވިދާޅުވެފައިވެއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ މަގާމަށް އައްޔަންކުރެވުނު ބޭފުޅާއެވެ. އަދި އެމަނިކުފާނަކީ ފެހި ގާނޫނުއަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން އެންމެ ދިގު މުއްދަތަކަށް ކުރެއްވި ބޭފުޅާއެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ 2010 އިން 2014 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުވެސް ފުރުއްވައިފައެވެ.
އުއްތަމަ ފަނޑިޔާރުގެ މި ނިންމެވުން އަންނަނީ ސުޕްރީމް ކޯޓަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފައެވެ.
ސުޕްރީމް ކޯޓުގެ މި ބަދަލުތައް އައިސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމުގެ މައްސަލަ އެ ކޯޓުގައި އޮތް ދަނޑިވަޅެއްގައެވެ.


