ތެލެސީމިއާ ކުދިންނަށް ރާއްޖެއިން ލިބެންހުރި ހުރިހާ ފުރުސަތުތަކަކާއި ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް މި ވާހަކަ ދައްކަވާފައިވަނީ އެ މަނިކުފާނު ފޮނުއްވި ޚާއްސަ މެސެޖެއްގަ އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އާބާދީގެ ނިސްބަތުން ތެލެސީމިއާ މީހުންގެ އަދަދު އެންމެ މަތީ ގައުމަކީ ދިވެހިރާއްޖެ އެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ކޮންމެ 18 މީހަކުން އެކަކީ ތެލެސީމިއާ ވާރުތަވުމުގެ ފުރުސަތު އޮތް މީހެކެވެ.
ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމުގެ އިތުރުން، އެ ކުދިންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކުދިންނަށް އެހެން ދިވެހި ރައްޔިތުންނެކޭ އެއްފަދައިން ހުރިހާ ފުރުސަތުތަކެއް ލިބިދޭންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ތެލެސީމިއާ ކުދިންނާއި އާއިލާތަކާ އަޅުގަނޑު ސީދާ ބައްދަލުވެ، އެ ކުދިންގެ ހާލު ބަލައި، އެ ކުދިންނަށް ފަރުވާ ދެމުންދާ ގޮތް ވެސް ބެލިން. އެތައް އަހަރެއް ވަންދެން ބޮއްސުންލާފައި އޮތް ކަންކަން ރަނގަޅު މަގަށް އެޅުވުމަށް އަޅުގަނޑުމެން މިހާރު މި ގެންދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ތެލެސީމިއާ ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ އިސް އަމާޒެކެވެ. އަދި އެ ކުދިންނަށް ބޭނުންވާ ފަރުވާ ގަވާއިދުން ފޯރުކޮށްދިނުމަކީ ކަމާ ގުޅޭ އިދާރާތަކުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު ތެލެސީމިއާ ކުދިންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އަދި ތެލެސީމިއާ ކުދިންނަށް އުއްމީދީ މުސްތަގުބަލެއް ބިނާކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމަކީ ސަވާބު ލިބޭނެ ހެޔޮ އަމަލެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.


