އިންޑިއާ އަދި ދިވެހިރާއްޖޭގެ ދިފާއީ އަދި ކަނޑުގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އައި.އެން.އެސް ޝާރދާ ވަނީ މާފިލާފުށްޓަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި އިންސާނީ އެހީތެރިކަމާއި ކާރިސާތަކުގައި އެހީތެރިވުމުގެ (އެޗް.އޭ.ޑީ.އާރު) ތަމްރީންތަކެއް 4 އިން 10 މެއި އަށް ކުރިއަށްދާނެއެވެ.
ކޯސްޓްގާޑުގެ ކޮމާންޑަންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް އަދި އެމް.އެން.ޑީ.އެފްގެ އިސް އޮފިސަރުން ވަނީ އައި.އެން.އެސް ޝާރދާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި އައި.އޯ.އެސް ސަގަރުގެ ކޮމާންޑިންގ އޮފިސަރު ވަނީ އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީއާ ބައްދަލުކުރައްވާފައެވެ.
9 އެކުވެރި ގައުމުތަކުގެ ފަޅުވެރިން ހިމެނޭ އައި.އޯ.އެސް ސަގަރުގެ ކްރޫ ވަނީ އެމް.އެން.ޑީ.އެފްގެ އިސް ވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، އިންޑިއާގެ ހައި ކޮމިޝަނަރ ޝްރީ ޖީ. ބަލަސުބްރަމަނިއަން ވެސް ވަނީ އުޅަނދަށް ޒިޔާރަތްކުރައްވާ، އެކުވެރި ގައުމުތަކުގެ ފަޅުވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ދަތުރަކީ އިންޑިއާގެ "މަހާސަގަރު" (ސަރަޙައްދީ ސަލާމަތާއި ކުރިއެރުމަށް އެކުގައި މަސައްކަތްކުރުން) ވިޝަންގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ. މި ވިޝަންގެ މައިގަނޑު އަމާޒަކީ އިންޑިއާ ކަނޑު ސަރަޙައްދުގައި ސުލްޙަ، ސްޓެބިލިޓީ އަދި ފުދުންތެރިކަން ޤާއިމުކުރުމަށް އެކުގައި މަސައްކަތްކުރުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ.
އެޗް.އޭ.ޑީ.އާރު މަޝްގުތަކުގެ މައިގަނޑު މަޤްޞަދަކީ އިންޑިއާ ނޭވީ އަދި އެމް.އެން.ޑީ.އެފްގެ މެދުގައި އިންޓަރއޮޕަރަބިލިޓީ އިތުރުކޮށް، ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.


