Tuesday, 28 July 2026

ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުން: މިނިސްޓަރ ޝަހީމް

ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ވަބާއިން ސަލާމަތްވުމަށް އޮތް އެންމެ ހަރުދަނާ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން ޢިލްމު ހޯދުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނާއި ދިވެހިރާއްޖޭގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ގުޅިގެން އިމާމުންނާއި ޢިލްމުވެރިންނަށް ބޭއްވި ކެޕޭސިޓީ ބިލްޑިންގ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިސްލާމީ ތާރީޚުގައި ޢިލްމުވެރިންނާއި އިމާމުންނަކީ މުޖުތަމަޢުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތްތައް ކަމަށެވެ.

 

މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ވަކި ދީނަކާ ގުޅުވޭނެ ކަމެއް ނޫނެވެ. "އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމްއާ ހުރި ތަފާތު އެނގެން ޖެހޭނެ. ޝަރީޢަތުގައި ޖިހާދަށް ވަކި އުޞޫލުތަކެއް ކަނޑައަޅާފައިވޭ. އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެއް," މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއްވެސް މަނާކުރައްވާފައިވާ ކަމަށާއި، އިސްލާމްދީން އަންގަވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާވެސް ހެޔޮކޮށް، ރަޙުމަތްތެރިކަމާއި އިންސާފުވެރިކަމާއެކު މުޢާމަލާތްކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފޯރަމްގައި މިނިސްޓަރު ޝަހީމް ވަނީ އިސްލާމީ އުއްމަތް ޓެރަރިޒަމާއި ހަރުކަށި ފިކުރުން ސަލާމަތްކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުންދާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިފަދަ ނުރައްކާތެރި ފިކުރުތަކާ ދެކޮޅަށް ކުރައްވަމުންދާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *