ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން 15 ގަޑިއިރަށް ދެމިގެން ގޮސް، ދުނިޔޭގެ ވެރިއަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑު ހައްދަވައިފިއެވެ.
އިއްޔެ ހެނދުނު 10:00 ގައި ފެށުނު މި ބައްދަލުވުން ނިމުނީ މިއަދު މެންދަމު 01:00 ގައެވެ. ބައްދަލުވުން ފެށުމާއެކު ރައީސް މުޢިއްޒު ވިދާޅުވީ ނޫސްވެރިން ބޭނުންވާ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާނެ ކަމަށެވެ. އަދި އެކަން އަނެއް ދުވަހާ ހަމައަށް ދިގުދެމިގެން ދިޔަ ކަމުގައި ވިޔަސް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ މުޖުތަމަޢުގައި ނޫސްވެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، ހަމަހަމަކަމާއެކު ޙަޤީޤަތާ އެއްގޮތަށް ޚަބަރު ގެނެސްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ނަމާދު ވަގުތުތަކަށް ނަގާފައިވާ ކުޑަ ހުސްވަގުތުކޮޅުތައް ފިޔަވައި މެދުނުކެނޑި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި އާންމު ރައްޔިތުންގެ ސުވާލުތަކަށްވެސް ރައީސް ވަނީ ޖަވާބު ދެއްވާފައެވެ.
މި ބައްދަލުވުން ބޭއްވުނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ނެރޭ އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 104 ވަނައިގައެވެ. މިއީ މިދިޔަ އަހަރަށްވުރެ ދެ ގޮނޑި ކުރިއަށް ޖެހިފައިވާ މިންވަރެކެވެ.
ސަރުކާރުން މިހާރު ދަނީ މީޑިއާގެ މިނިވަންކަން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މީޑިއާ ވިލެޖެއް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމާއި، އަމިއްލަ މީޑިއާތަކަށް އެހީތެރިވުމަށް 27.98 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމެނުން ފާހަގަކުރެވެއެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ މިހާތަނަށް 141 ނޫސްވެރިންގެ ބައްދަލުވުމާއި 1,071 މީޑިއާ އިންޓަވިއު ބާއްވައި، "ރައްޔިތުންނާ އެކު" ގެ ނަމުގައި ޕޮޑްކާސްޓެއްވެސް ފަށައި، 4 އެޕިސޯޑް ނެރެފައެވެ. މިއީ މަޢުލޫމާތު ހާމަކަން ބޮޑުކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތްތަކެކެވެ.


