Tuesday, 28 July 2026

އެޓާނީ ޖެނެރަލް މިއަދު ބޭއްވި ބައްދަލުވުން ނޫސްވެރިން ބޮއިކޮޓް ކޮށްފި

މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް މަޝްވަރާ ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުން ވަނީ ނޫސްވެރިން ބޮއިކޮޓް ކޮށްފިއެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އުޝާމް އިސްނަންގަވައިގެން ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ  ބިލު އަނބުރާ ގެންދަން ޖެހޭ ކަމަކަށް ނުދެކެވަޑައިގަންނަވާ ކަމަށާއި، ބިލަށް އިސްލާހުތައް ގެނެސްގެން އިތުރަށް ފުރިހަމަ ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ހުށަހެޅުމަށް ނޫސްވެރިން ތާއީދު ނުކުރާ ކަމަށް ބުނެ، ގިނަ ނޫސްވެރިން ވަނީ ބައްދަލުވުމުން ނިކުމެފައެވެ.

ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވެފައިވަނީ މީޑިއާ ކައުންސިލުން ކުރިން ހުށަހެޅި ބިލުގެ ޑްރާފްޓާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެމެދު މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލުގައި ހިމެނޭ ޖޫރިމަނާގެ އަދަދުތައް ކުޑަކަމަށްވެސް ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މީޑިއާގެ މިނިވަންކަމަށް އަރައިގަނެ، ސަރުކާރުގެ ކޮންޓްރޯލް މީޑިއާގެ މައްޗަށް އޮންނަ ގޮތަށް ބިލު ބައްޓަންކުރެވިފައި އޮތުމެވެ. އަދި ބިލުގައި ހިމެނޭ ބޮޑެތި ޖޫރިމަނާތަކާއި، މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ ބާރު ސަރުކާރަށް ލިބިދޭ ގޮތަށް އޮތުމެވެ.

އިއްޔެ ބޭއްވުނު މަޖިލިސް ޖަލްސާގައި މި ބިލު ވަނީ ބަލައިގަނެފައެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މި މަހުގެ 15 ގެ ކުރިން މި ބިލުގެ މަސައްކަތް ނިންމުމަށް ނިންމާފައެވެ. ނަމަވެސް ނޫސްވެރިން އަދިވެސް ދަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *