Tuesday, 28 July 2026

އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން: ރައީސް

ފުރާޅެއްގެ މައްޗަށް 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅިގެން އުފައްދާފައިވާ ކޮމިޝަނުގެ މަސައްކަތަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި، އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ މުހިންމު މީހެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މި މައްސަލައިގައި ވަކި ކަމެއް ފޮރުވަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޒުވާނުންގެ ކަންބޮޑުވުންތަކެއް މި މައްސަލައިގައި ހުރި ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

"ކޮމިޝަނަށް ވަރަށް ގިނަ ބާރުތައް ދީފައި ވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއް ކަމުގައި ވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މި މައްސަލައިގެ ޙަޤީޤަތް ހޯދި، ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރު ގޮތެއްގައި މައްސަލަ ނިމިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލައިގައި އުފައްދާފައިވާ ކޮމިޝަނަށް ފުރިހަމަ ބާރުވެރިކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވެ، މައްސަލަ ތަޙުޤީޤު ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *