Tuesday, 28 July 2026

ސީޕީ ޝުޖާއު އިސްތިއުފާ ދެއްވައިފި

ގެއެއްގެ ނުވަ ވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ފުލުހުންނާ ދޭތެރޭ އާންމުންގެ ނުރުހުން ބޮޑުވެފައި އޮއްވާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު އިސްތިއުފާ ދެއްވައިފި އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މަަޤާމުގެ އިސްތިއުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ޤަބޫލުފުޅު ކުރައްވައިފައި ވާކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ފުރަތަމަ ވެސް ދޮގު ހަދާފައިވާ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު މައްސަލަގަނޑު ބޮޑުވެފައި އޮއްވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ޝުޖާއު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. އަދި ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުމްނު، 21، ވެއްޓިފައިވަނީ މި މަހު 17 ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން، ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ. އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަން ސިއްރުކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ބުނެ ޒުވާނުން ދަނީ ކޮންމެ ރެއަކު މަގުމައްޗަށް އެއްވެ އަޑު އުފުލަމުންނެވެ. މި އަޑުއުފުލުމުގައި ކޮމިޝަނަރު ޝުޖާއު އާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ވަނީ ގޮވައިލައިފައެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ކުރިއަށް ދާ ގޮތާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ގެންދަނީ ކޮންމެ ރެއަކު މާލޭގައި އެއްވުން ބާއްވަމުންނެވެ. އެ އެއްވުންތަކުގައި ގޮވާލި ކަންކަމުގެ ތެރޭގައި ޝުޖާއު އިސްތިއުފާ ދެއްވުން ހިމެނެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *