Tuesday, 28 July 2026

ޔުމްނުއާއި ރައުދުއާ ދެމެދު ހަމަނުޖެހުމެއް ހިނގި: ފުލުހުން

އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ކަމަށް ބުނާ ހައްވާ ޔުމްނު ރަޝީދު، ވެއްޓުމުގެ ކުރިން އޭނާއާއެކު ހުރި ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އިއްޔެ ވަނީ އޭނާ ފަސް ދުވަހަށް ބަންދުކޮށްފައެވެ. އެ ބަންދު އަމުރު މިހާރު ކްރިމިނަލް ކޯޓުން ވަނީ އާންމުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ފުލުހުންގެ އައިއޯ ވަނީ އެ ރޭ ޔުމްނު އާއި ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ކޯޓުގައި ބުނެފައެވެ. ނަމަވެސް، އެކަމުގެ ތަފްސީލުތަކެއް އަމުރުގައި ނެތެވެ.

އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ކޯޓުގައި ވެސް ފުލުހުން ބުނީ، ޔުމްނު ވެއްޓުމަށް ފަހު އޭނާ ހޯދުމަށް ރައުދު މަސައްކަތް ކުރާ ކަން ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރިޕޯޓެއް ފުލުހުން ހުށަހަޅާފައިވާ ނުވާ ކަމަށް ބުނެފައިވެ އެވެ.

ރައުދުގެ ވަކީލު ބުނެފައިވަނީ ޔުމްނު ވެއްޓުމާ ރައުދުއާ ގުޅުމެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވާ ކަމަށެވެ.

އޭގެ އިތުރުން ފުލުހުން އަމަލުކުރި ގޮތުން ރައުދުއާ ބައްދަލުކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވެސް ވަކީލު ބުނެފައިވެއެވެ. ކޯޓު އަމުރުގައިވާ ގޮތުން ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ އެކަމަށް ރިއާއަތްކޮށެވެ.

ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *