އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، އޭނާއާ ދެކޮޅަށް ސާބިތު ހެކި ހުރި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްއާން މަގާމުން ވަކިކޮށް ޖިނާއީ ތުހުމަތެއްގައި ހައްޔަރުކުރީ ޒާތީ މައްސަލައެއް ޖެހިގެންތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، މަސައްކަތުގެ ގޮތުން ދެ ބޭފުޅުންގެ ގުޅުން ވެސް ރަނގަޅު ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ދެ ބޭފުޅުން ވެސް މަސައްކަތްކުރެއްވީ އެކުގައި ކަމަށެވެ.
"އެ މީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަން. އެ މީހާއަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ ކޮން މަގާމެއްގައި ހުރި މީހެއްތޯ އަޅުގަނޑުމެން ނުބަލަން. ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ. އެހެންވީމާ ގާނޫނު ތަންފީޒުކުރަމުންދާއިރު އެ މީހާ ހުރި މަގާމެއް އަޅުގަނޑުމެން ނުބަލާނަން،" އިހުސާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ގާނޫނާ ހިލާފުވާ ހިސާބުން ވަކި މީހަކަށް ބެލުމެއްނެތި ސަރުކާރުން ފިޔަވަޅު އަޅާނެއެވެ.
އަދި މެމްބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ އެއްވެސް ބޭފުޅަކު ފްރޭމް ކޮށްފައި ނުވާ ކަން ކަށަވަރު ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލާގައި މިހާރު ހައްޔަރުގައި އޮތް ބޭފުޅާ އޮތީ އެ މައްސަލާގައި ފުލުހުން ބެލި ބެލުމުން ސާބިތު ހެކި ފެނިގެން ކަން،" އިހުސާން ވިދާޅުވި އެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ޝަމްއާން ވަކިކޮށް، އޭނާ ހައްޔަރުކޮށްފައިވެއެވެ. މި މަހު ކުރީކޮޅު ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް އަމުރުކޮށްފައެވެ.


