Wednesday, 29 July 2026

އަންހެން މީހާ ފުރާޅަށް ވެއްޓުނީ އަމިއްލައަށް: ފުލުހުން

މިދިޔަ ހުކުރު ދުވަހު ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު 21 އަހަރުގެ އަންހެން މީހާ ފުރާޅުން ވެއްޓުނީ އަމިއްލައަށް ކަމަށާއި، އެ މައްސަލައާ ގުޅިގެން އޭނާއާއެކު އުޅުނު ފިރިހެން މީހާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ.

ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ހާދިސާ ހިނގި ރޭ ކަންތައް ވެގެން ދިޔަ ގޮތުގެ ސީސީޓީވީ ފޫޓޭޖް ނޫސްވެރިންނަށް ދައްކައިފައެވެ.

ފުލުހުން ވިދާޅުވި ގޮތުން، އެ އަންހެން މީހާ ހިމެނޭ ގޮތަށް އަށް މީހުން މާލޭގެ މެދުތެރޭގައި ހުންނަ ގެއަކަށް ވަދެފައިވަނީ މެންދަމު 12:30 އެހައިކަންހާއިރެވެ. މި އަށް މީހުންގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އެ ގެއިން މި ބަޔަކު ނުކުމެފައިވަނީ ފަތިހު 3:40 އެހައިކަންހާއިރުއެވެ. އޭގެ ފަހުން، 4:00 އެހައިކަންހާއިރު އެ އަންހެން މީހާ ހިމެނޭ ގޮތަށް ހަތަރު މީހަކު ހެންވޭރު އަމީނީމަގުގައި ހުންނަ ގެއަކަށް ވަނެވެ. މި ގެއިން ނުކުމެފައިވަނީ 10 ވަރަކަށް މިނެޓު ފަހުންނެވެ.

"އެ ގެއިން ނުކުމެފައި ވަނީ އޭގެ 10 ވަރަކަށް މިނިޓް ފަހުން. އެއަށްފަހު، ވެއްޓުނު އަންހެން މީހާއާއި އިތުރު ފިރިހެނަކު ގޮސްފައިވަނީ އެ ހާދިސާ ހިނގި ގެއަށް،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ގެއަށް އެ ދެ މީހުން ވަން އިރުވެސް ތިބީ މަސްތުގެ ހާލަތުގަ އެވެ. އަދި އެ ގެއަށް ވަދެ، ސިޑިން 9 ވަނަ ފްލޯއާ ހަމައަށް އަރައި އެ ތަނުގައި ވަގުތުތަކެއް ހޭދަަވި ކަމަށް ފުލުހުން ބުންޏެވެ.

އެ އަންހެން މީހާ ވެއްޓިފައި ވަނީ އެ ގޭގެ 9 ވަނަ ފަންގިފިލާގެ ވައިގޮޅިންނެވެ. އެ ވަގުތު އޭނާއާއެކު އެ ގެއަށް ވަތް ފިރިހެން މީހާ ހުރީ އެހެން ފަންގިފިލާއެއްގައި ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ. މިއާއެކު އެއީ އެ ފިރިހެން މީހާގެ އެއްވެސް ބައިވެރިވުން އޮވެގެން ވީކަމެއް ނޫން ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

އެ އަންހެން މީހާއަށް އެތެނަށް ވެއްޓުމުން ލިބުނު އަނިޔާގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ވަރުވެފައިވުމުން، އެމްއެންޑީއެފްގެ އެހީގައި ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. ހޮސްޕިޓަލަށް ގެންދިޔަތާ 30 މިނެޓުގެ ތެރޭގައި އޭނާގެ ޢާއިލާއަށް ފުލުހުން ގުޅާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، އަނިޔާވި އަންހެން މީހާއާ އެކު އެ ގެއަށް ވަން ފިރިހެން މީހާގެ ޕާސްޕޯޓު ހިފަހައްޓައި ވަނީ ފުރުން މަނާކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *