Tuesday, 28 July 2026

ދިވެހި ސިފައިންގެ ވަސީލަތްތައް ވަރުގަދަ ކުރުމަކީ ލިބޭ ފަހުރެއް: ރައީސް

ވެހި ސިފައިންގެ ވަސީލަތްތައް ވަރުގަދަ ކުރުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށާއި، އެ މަސައްކަތްތަކުގެ ތެރެއިން ދިވެހި ސިފައިންގެ އާމީ، ނޭވީ އަދި އެއާ ފޯސް ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް، މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ސިފައިންނަށް ހޯދައިދޭ ކޮންމެ ކުރިއެރުމަކާ މެދު ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަހުރުވެރިވާން ވާނެ ކަމަށެވެ. އަދި ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި، ސިފައިންނަށް ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސިފައިންގެ ބާރު އިތުރުކުރުމަކީ ފަހުރުވެރި ވާންޖެހޭނެ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިފައިންގެ އެކިއެކި ތަކެތި ހޯދައިދިނީމާ އެކަމާ ލަދުގަންނަންޏާ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު އެބަޖެހޭ ސުވާލު ކޮށްލަން ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ؟ ތިމަންނަ އަކީ ގައުމު ދެކެ ލޯބިވާ ދިވެއްސެއްތޯ؟ މި ގައުމަށް އުފަންވި މައް ދިވެއްސެއް ވިއްޔާ ގައުމީ ލޯބި ހުންނަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދިފާއީ ބާރު ވަރުގަދަކުރުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކީ މި މިނިވަން މުސްތަގިއްލު ގައުމުގެ ހިމާޔަތާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި، އަދި އެ މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަހުރުވެރިކަމާއެކީ ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ސިފައިންގެ ވަސީލަތްތައް އިތުރުކުރުމާމެދު މަލާމާތްކުރާ މީހުންނަކީ ގައުމިއްޔަތުކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، އަދި ސިޔާސީ ގޮތުން ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަވާ ވިސްނުމުގެ މީހުން ކަމަށެވެ. އަދި އެ ވިސްނުމުން ގައުމު ސަލާމަތްކުރުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް ކަމަށާއި، މި ގައުމަށް އުފަން ކޮންމެ ދިވެއްސެއްގެ ހިތުގައި ގައުމީ ލޯބި ހުންނަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *