Tuesday, 28 July 2026

ވެންޓިލޭޓަރު މައްސަލާގައި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް އެދިއްޖެ

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގެންނަން އެއްބަސްވި ވެންޓިލޭޓަރުތައް ނުލިބުމުގެ މައްސަލާގައި، އެ މަސައްކަތް ހަވާލުކުރި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ދިވެހި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

މި މައްސަލައިގައި، 2020 ވަނަ އަހަރު ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ އަދަދެއްގެ ވެންޓިލޭޓަރު ނުލިބުމުން، އެ މައްސަލަ ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. އާބިޓްރޭޝަނުން ނިންމީ އެ ކުންފުނިން ދިވެހި ދައުލަތަށް 28 މިލިއަން ރުފިޔާ އާއި ލިކުއިޑޭޓް ޑެމޭޖުގެ ގޮތުގައި 3.4 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، އެ ކުންފުނީގެ ވެރިމީހާ މިހާރު ހުރިތަނެއް ނޭނގޭ އަދި އެއްވެސް މުއާމަލާތަކަށް އިޖާބަ ނުދޭ ކަމަށެވެ. އެހެންކަމުން މިއީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި، އިންޓަޕޯލް ރެޑް ނޯޓިސް މެދުވެރިކޮށް އެ ފަރާތް ހޯދަން ޖެހިފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލައާ ގުޅޭގޮތުން ހާމަކުރި ގޮތުގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ އެކު ދަނީ މަޝްވަރާކުރަމުންނެވެ.

މި މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ 32 މިލިއަން ރުފިޔާ ނުލިބުމާ ގުޅިގެން، މާލިއްޔަތު ކޮމިޓީން ވަނީ މިދިޔަ މާޗް މަހު ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅާފައެވެ. ނައިބު ރައީސް ނާޒިމް ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ވެރިޔާ ހޯދިއްޖެނަމަ، އެ ފައިސާ ބޭނުންކުރި ގޮތާއި، އެއްވެސް ފަރާތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވޭތޯ ވެސް ބެލޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *