އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް ދުއްވަމުންދިޔަ 36 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ދެއްވި މައުލޫމާތުގައި ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:29 ގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ކާރަކާ ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގައި މަރުވެފައިވަނީ އައްޑޫ ސިޓީ ފޭދޫ އުލްފަތުގޭ އިބްރާހީމް ސިޔާދު (36 އަހަރު) އެވެ.
ފޭދޫ ސިއްހީ މަރުކަޒުން ލިބުނު މައުލޫމާތުގައިވާ ގޮތުން، އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި އިބްރާހީމް ސިޔާދު ސިއްހީ މަރުކަޒަށް ގެންދިއުމުގެ ކުރިންވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާގައި ކާރު ދުއްވަމުން ދިޔަ ގދ. ފިޔޯރީ މާގޯލްޑްގޭ މުހައްމަދު މާހިލް މުމްތާޒު (23 އަހަރު) މިހާރު ވަނީ ފުލުހުންގެ ހައްޔަރުގައެވެ.
މި ނުރައްކާތެރި އެކްސިޑެންޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިވަގުތާ ހަމައަށް ހާމަކޮށްފައި ނުވާއިރު، މި މައްސަލައިގެ ތަހުގީގު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ.


