ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ އެހީތެރިކަމުގައި ހުޅުމާލޭގައި ގާއިމްކުރާ ބައިނަލްއަޤްވާމީ ފެންވަރުގެ ސްވިމިންގ ޕޫލްގެ ބިންގާ އަޅައިފިއެވެ.
ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ގާއިމްކުރާ މި ސްވިމިންގ ޕޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ޗަމްޕާ ހުސައިން އަފީފާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރު މަލާ ހައިރައިޒިންގ ކޮންސްޓްރަކްޝަން ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ އިސްމާއިލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުސައިން އަފީފު ވިދާޅުވީ، މި މަޝްރޫޢަށް ފައިސާ ދެއްވުމަށް ނިންމެވީ އޭނާގެ ދެބެއިންގެ ދެދަރި ކޮއްކޮ އަދި އެސޯސިއޭޝަންގެ ރައީސް އަބްދުއްސައްތާރުގެ އެދިވަޑައިގަތުމުގެ މަތިންކަމަށެވެ.
"އަޅުގަނޑު ދެކެނީ މިއީ ރާއްޖެއަށް ވަރަށް ބޮޑު ފަޚުރެއް ކަމަށް. އިންޓަނޭޝަނަލް ސްވިމިންގ މުބާރާތެއް، އޭޝިއަން ގޭމްސް ނުނީ ކޮންމެވެސް ދުވަހަކުން އޮލިމްޕިކްސް ނަމަވެސް މިތަނަށް އާދެވޭ ކަމަށް ވެއްޖެ ނަމަ އެއީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް،" އޭނާ ވިދާޅުވިއެވެ.
ހަތަރު ބުރިއަށް އިމާރާތްކުރާ މި ސްވިމިންގ ކޮމްޕްލެކްސްގައި 50 މީޓަރު އަދި 25 މީޓަރުގެ ދެ ޕޫލް ހިމެނޭނެއެވެ. އަދި ފެތުމުގެ ތަމްރީނުތަކަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް މި ކޮމްޕްލެކްސްގައި ގާއިމްކުރެވޭނެއެވެ. މި ތަން ޑިޒައިންކޮށްފައިވަނީ އެއްފަހަރާ 1,500 މީހުންނަށް ބޭނުންކުރެވޭ ގޮތަށެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދާނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.


