Tuesday, 28 July 2026

ދުނިޔޭގެ މަޝްރަހު ހޫނުވަމުންދާއިރު ސުލްހަ ގާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުން މުހިންމު: މަޖިލިސް ރައީސް

ދުނިޔޭގެ މަޝްރަހު ހޫނުވަމުންދާ މި ދަނޑިވަޅުގައި، ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، ސުލްހަވެރި ހައްލުތައް ހޯދުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފާހަގަކުރައްވައިފި އެވެ.

އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި މިވަގުތު ބޭއްވެމުންދާ ނޮން އެލައިން މޫވްމަންޓް ޕާލިމަންޓަރީ ނެޓްވޯކްގެ ހަތަރުވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މަޖިލިސް ރައީސް ވިދާޅުވީ ކޮންމެ ގައުމެއްގެ މިނިވަންކަމަށް އިހުތިރާމްކުރުމާއި، ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ ތިބުމަކީ މެންބަރު ގައުމުތަކުގެ އަސާސީ ޒިންމާއެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

މި ބައްދަލުވުމުގައި ފާހަގަކުރަމުންދަނީ "ބަންޑުން ސްޕްރިޓް" އުސޫލަށް 70 އަހަރު ފުރުމުގެ މުނާސަބަތެވެ. މި އުސޫލުތަކަކީ 1955 ވަނަ އަހަރު އެކުލަވާލެވުނު، އަދި އަލަށް މިނިވަންވި ގައުމުތަކުގެ އަޑު ދުނިޔެއަށް އިއްވުމަށް މަގުފަހިކޮށްދިން އުސޫލުތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދު ދުނިޔެ ދަނީ ހަނގުރާމަތަކާއި ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ސުލްހައާއި ތަރައްގީއަށް ނުރައްކާވަމުން. މި ދަނޑިވަޅުގައި ބަންޑުން އުސޫލުތަކުން އަޅުގަނޑުމެންނަށް ދައްކައިދެނީ މަޝްވަރާގެ މުހިންމުކަމާއި، ހާރިޖީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ގައުމުތަކުގެ މިނިވަންކަމަށް އިހުތިރާމްކުރުމާއި، އެހެން ގައުމުތަކުގެ ކަންކަމަށް ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު ހިލާފުތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފީ ގުޅުންތައް ކުރިއެރުވުމަކީ މިއަދުވެސް އެހާމެ މުހިންމު ކަންކަން ކަމަށެވެ.

މީގެއިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި، މި ކަންކަމަށް ހައްލު ހޯދުމަށް ނޮން އެލައިން މޫވްމަންޓްގެ މެންބަރު ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޖިލިސް ރައީސް ގޮވާލެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *