ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާނެ އުމުރެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒު މިއަދު އޮންލައިން ސަރވޭއެއް ފައްޓަވައިފިއެވެ.
ކުރިއަށް އޮތް ޖީލުތަކާއި ޒުވާނުން ދުންފަތުގެ ނުރައްކާތެރިކަމުން ސަލާމަތްކުރުމަށް "ޖެނެރޭޝަން ބޭން" އެއް ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް މުއިއްޒުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވޯޓުލުމުގެ ފުރުސަތު ވަނީ ހުޅުވާލައްވާފައެވެ.
މި ސަރވޭގައި ރައީސް ހުށަހަޅުއްވާފައިވަނީ ތިން އޮޕްޝަނެކެވެ. އެއީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތް ބޭނުންކުރުން މަނާކުރުމާއި، 2004 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ މީހުންނަށް މަނާކުރުމާއި، އަދި 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ މީހުންނަށް މަނާކުރުމެވެ.
މީގެ ކުރިން ރައީސް މުއިއްޒު ފަށްޓަވާފައިވާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގެ ދެވަނަ ދެވަނަ ބައިގައި "18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ވިސްނާވަޑައިގަންނަވާކަން" ވަނީ ހާމަކުރައްވާފައެވެ.
ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ވޭޕް ވިއްކުމާއި އެތެރެކުރުން މަނާކުރުމުގެ އިތުރުން ދުންފަތުގެ އެކި ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ވެސް ވަނީ މަތިކުރައްވާފައެވެ.


