1446 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ އިއުލާން ކޮށްފައެވެ.
ޝައްވާލު މަހުގެ ހަނދު ބެލުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ހަނދު ފެނިފައި ނުވިނަމަވެސް، އިސްލާމީ އެހެން ޤައުމުތަކުން ހަނދު ފެނިފައިވާކަން ރަސްމީކޮށް ކަށަވަރުވެފައިވާ ކަމަށެވެ.
ރާއްޖޭގައި ރޯދަމަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން، އެހެން އިސްލާމީ ޤައުމުތަކުން ހަނދު ފެނުމުން، އެ މައުލޫމާތަށް ރިއާޔަތްކޮށް މާދަމާއަކީ ޢީދު ދުވަސް ކަމުގައި ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ހާމަކުރެއްވިއެވެ.
މި ނިންމުމުގެ ކުރިން، ސަޢޫދީ ޢަރަބިއްޔާއިން ވަނީ އެ ޤައުމަށް ޝައްވާލު މަހުގެ ހަނދު ފެނި، މާދަމާއަކީ ޢީދު ދުވަސް ކަމުގައި އިޢުލާންކޮށްފައެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއާ އެއް ސަރަހައްދުގައިވާ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކުގައި ޢީދު ދުވަސް ފާހަގަކުރާނީ އަންނަ ހޯމަ ދުވަހުއެވެ.


