ފަލަކީ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފިތުރު އީދު ދުވަސް އަންނާނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އާންމު ކަލަންޑަރުތަކުގައި މިއަހަރުގެ ފިތުރު އީދު ދުވަސް ފާހަގަކޮށްފައިވަނީ މާޗު 31 ގައި ނަމަވެސް، ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި ސައުދީ އަރަބިއްޔާ، މިސްރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މާޗު 29 ވަނަ ދުވަހު އިރުއޮއްސުމަށްފަހު ހަނދު އުދަރެހުގައި ފެންނަން ހުންނާނެކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.
ރަމަޟާން މަހުގެ 29 ވަނަ ދުވަހާ ދިމާވާ މާޗު 29 ގައި ރާއްޖެއަށް އިރު އޮއްސޭނީ ހަވީރު 6:14 ގައި ކަމަށާއި، ހަނދުވެސް އޮއްސޭނީ ހަމަ އެވަގުތު ކަމަށް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން މައުމޫން ވިދާޅުވެފައިވަނީ އެދުވަހަކީ ރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ ފުރަތަމަ ދުވަސްތޯ އަދި ނޫންތޯ ބަހުސްކުރެވިދާނެ ނަމަވެސް، ގިނަ އިސްލާމީ ޤައުމުތަކަށް އެއީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމަށްވާތީ، ރާއްޖެއަށްވެސް މާޗު 30 އަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވާނެ ކަމަށެވެ.
މިގޮތުން، މިއަހަރުގެ ފިތުރު އީދު ދުވަސް ފާހަގަކުރެވޭނީ އާދީއްތަ ދުވަހު ކަމަށް މައުމޫން ވަނީ ޔަގީންކުރައްވާފައެވެ.


