"އަދަދު" ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާއަށް ރައީސް މުހައްމަދު މުއިއްޒު އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ދަޢުވާއެއް އުފުލޭނެ ހަމައެއް ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، އެމްޑީޕީން ސަރުކާރާ ދެކޮޅަށް ހިންގި އިހްތިޖާޖީ ހަރަކާތްތަކުގައި އެ ޕާޓީގެ މެންބަރަކު ރައީސް މުއިއްޒުގެ އާއިލާއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން ރައީސް ވަނީ ފިޔާޒަށް ގުޅުއްވާފައިވާކަމަށް ބުނެފައިވެއެވެ.
"އަދަދު" ނޫހުގެ ފަރާތުން އާންމުކުރި ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ މުވާސަލާތުގައި ރައީސް މުއިއްޒު ވަނީ ނުރުހުންތެރިކަމާއެކު "އަދަދު ނޫހާއި ފިޔާޒާ މެދު އެންމެ ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ" އިންޒާރު ދެއްވާފައެވެ.
މި ހާދިސާއާ ގުޅިގެން "އަދަދު" ނޫހުން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މައްސަލަ ރަޖިސްޓްރީކޮށްފައެވެ. ފުލުހުން 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، އިއްޔެ ވަނީ ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައެވެ.
ނަމަވެސް، މައްސަލައިގެ ބާވަތަށް ރިއާޔަތްކުރުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވަނީ މިއީ ޖިނާއީ ކުށެއްގެ ދަޢުވާ އުފުލޭވަރުގެ މައްސަލައެއް ނޫން ކަމަށެވެ.


