Tuesday, 28 July 2026

ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި މިއަހަރު ތިބި ހުރިހާ ފަރާތްތަކަށް ހައްޖަށް ދެވޭނެ: ރައީސް

މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި އެންމެހައި ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ކުރެއްވި މި އިއުލާނަކީ ތާރީޚީ އިއުލާނެއް ކަމަށް ބެލެވެއެވެ. އެހެނީ އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެންނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރެވެ. މިވަގުތު ހައްޖު ކިޔޫގައި 9،000 އަށް ވުރެ ގިނަ ދިވެހިން ތިބިކަން ވަނީ ފާހަގަކުރެވިފައެވެ.

ފާއިތުވި ދުވަސްތަކުގައި ސަރުކާރުން ވަނީ ހައްޖާ ގުޅޭ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރުމާއި، މިދިޔަ އަހަރުން ފެށިގެން ހައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމުން ހިމެނެއެވެ.

ރައީސް މުއިއްޒުގެ އިންތިޚާބީ ވައުދުތަކުގެ ތެރޭގައި ހައްޖު ފަންޑެއް ގާއިމްކޮށް، ރައްޔިތުންނަށް ހައްޖަށް ދިއުމުގެ ޚަރަދު ކުޑަކޮށްދިނުން ހިމެނެއެވެ. އަދި ރައީސް އޮފީހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ހައްލެއް ހޯދުމަށްޓަކައި ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

އެހެންނަމަވެސް، ރައީސް މުއިއްޒުގެ މި އިއުލާނާ ގުޅިގެން، ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައްޖު ކޯޓާއަށް އިތުރު ބަދަލެއް އައިކަން އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން ރަސްމީކޮށް އަންގާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *