Tuesday, 28 July 2026

ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއީޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރެވުނު 5 މީހުންގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އާންމުކޮށްފައެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ގ. ލިޓޯނިޔާ މުޙައްމަދު ޝަމްޢާން ވަޙީދު (36 އަހަރު) ހިމެނެއެވެ. ޝަމްޢާން ހައްޔަރުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:

  • ތ. ބުރުނީ މޫނިމާގޭ މުޙައްމަދު އަލްސަން އިސްމާޢީލް (21 އަހަރު)
  • ގ. ހެޕީ ސައިޑް އިބްރާހީމް އަޙްމަދު (37 އަހަރު)
  • ގ. ހެޕީ ސައިޑް ޙަސަން ސަހެޝާން (47 އަހަރު)

އަދި އެންމެ ފަހުން، މ. ހަޒާރީވިލާ އަޙްމަދު ލައްސާން (40 އަހަރު) ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަޙުޤީޤަށް މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުގައިވާ ގޮތުން، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ބިދޭސީން ގެންގޮސްފައިވެއެވެ. އަދި އޭގެ އެއް ދުވަސް ފަހުން، 530,000 ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، އޭރުގެ ކޮންޓްރޯލަރ ޖެނެރަލްގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާކަން ވެސް ތަޙުޤީޤަށް ވަނީ ހާމަވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *