ކުރިއަށް އޮތް ފިތުރު ޢީދަށް ރާއްޖޭގެ އެކި ރަށްރަށް ދިއްލާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އަތޮޅުތެރޭގައި ޢީދު ލައިޓް ޖެހުމުގެ މަސައްކަތް ފެށިފައިވަނީ ކުލަސްޓަރ 1 ގެ ރަށްރަށުންނެވެ. މިގޮތުން ހއ. ދިއްދޫގައި ލައިޓް ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ކުޅުދުއްފުށީ ސިޓީގައި މިއަދު މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ށ. ފުނަދޫގައި މި މަހުގެ 25 ވަނަ ދުވަހު މަސައްކަތް ފެށުމަށް ވަނީ ރޭވިފައި ކަމަށް ސިޓީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ވިދާޅުވިއެވެ.
އުތުރުގެ ތިން އަތޮޅުން މިއަހަރު އަލަށް ދިއްލުމަށް ހަމަޖެހިފައިވާ ރަށްތަކަށް މިއަދު ލައިޓާއި ސްޕީކަރު ފޮނުވޭނެ ކަމަށް "ޢީދު ލައިޓު" ކޮމިޓީން ބުނެއެވެ. މި ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަން، ށ. މިލަންދޫ އަދި ށ. ފޯކައިދޫ ހިމެނެއެވެ.
ރަށްރަށުގައި ޢީދު ލައިޓް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލްތަކާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ އެއްބާރުލުމާއެކުގައެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މިދިޔަ އަހަރު ފަށާފައިވާ މަސައްކަތެކެވެ. އަދި މިއީ އިސްލާމީ ޤައުމުތަކުގައިވެސް ޢީދު ފާހަގަކުރުމަށް ގެންގުޅޭ އާދަކާދައެކެވެ.
މިދިޔަ އަހަރު އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި ސިޓީތައް ދިއްލާފައިވާއިރު، މިއަހަރު އިތުރު 36 ރަށެއް ދިއްލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.


