ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމު ފުރުއްވަމުން ގެންދެވި މުޙައްމަދު ޝައްމާން ވަހީދު އެ މަޤާމުން ވަކިކުރައްވައިފިއެވެ. މި މަޤާމުން ޝައްމާން ވަކިކުރެއްވި ސަބަބު އަދި ސަރުކާރުން ހާމަކުރައްވާފައި ނުވިނަމަވެސް، އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒު ފައިދާ ހޯދާކަމުގެ ތުހުމަތުތަކެއް ބަލަމުންދާކަމަށް ފުލުހުން މިރޭ މަޢުލޫމާތު ދެއްވާފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ފާހަގަކުރައްވައިފިއެވެ. އިމިގްރޭޝަންގައި 14 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ޝައްމާން، އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމަށް އިސްކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.
ޝައްމާންގެ ވެރިކަމުގައި އިމިގްރޭޝަނުން ފެށި "އޮޕަރޭޝަން ކުރަނގި" އަށް މިހާރު ވަނީ 10 މަސްދުވަސް ހަމަވެފައެވެ. މި އޮޕަރޭޝަން ފެށުނީ 2024 ވަނަ އަހަރުގެ މެއި 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ދަށުން ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު ވަނީ ރެކޯޑުކުރެވިފައެވެ.
އިމިގްރޭޝަނުން މިވަގުތު ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދައި، އެފަރާތްތައް ޑިޕޯޓްކުރުމުގެ މަސައްކަތެވެ.


