އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ 10 ވަނަ ރައިސީނާ ޑައިލޮގްގެ ތެރެއިން ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފިއެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރުއާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބޭއްވެވި މި ބައްދަލުވުމުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާއި، ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، އިންޑިއާގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރެއްވުމާއެކު، ތަރައްޤީގެ ރޮނގުން އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް އިންޑިއާއަށް ވަޑައިގެންނެވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މިއަހަރުގެ ރައިސީނާ ޑައިލޮގް އިފްތިތާޙުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މި ފޯރަމްގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެ ފުރުސަތެއްކަމަށް ބެލެވެއެވެ.


