Tuesday, 28 July 2026

އެއާ އެމްބިއުލާންސްގެ ޚިދުމަތުން ރާއްޖޭގައި މެޑިކަލް އިވެކުއޭޝަންގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދީފި: މިނިސްޓަރ އަމީން

މޯލްޑިވިއަންގެ އެއާ އެމްބިއުލާންސްގެ ޚިދުމަތުން ރާއްޖޭގައި މެޑިކަލް އިވެކުއޭޝަންގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދީފައިވާ ކަމަށް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވުނު އެއާ އެމްބިއުލާންސްގެ ފުރަތަމަ އަހަރީ ދުވަހުގެ ހަފްލާގައެވެ.

މިދިޔަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު ރަސްމީކޮށް ފެށުނު މި ޚިދުމަތުން ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 931 ބަލިމީހުން އުފުލުމަށް 787 ދަތުރު ކޮށްފައިވެއެވެ. މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ބޮމްބާޑިއަރގެ ހުއްދައާއެކު އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ބަދަލުކުރެވިފައިވާ ޑޭޝް 8 މާކާގެ އެއަރކްރާފްޓެކެވެ.

މިނިސްޓަރ އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މޯލްޑިވިއަން އިން ހިންގާ މި ޚިދުމަތަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ކަމަށެވެ. އަދި މިއީ އެކަށީގެންވާ ވަސީލަތްތަކާއެކު 24 ގަޑިއިރު މެޑިކަލް ޕްރޮފެޝަނަލުން ތިބޭ ޚިދުމަތެއް ކަމަށާއި، މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންނާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭ ގޮތަށް 15 މުވައްޒަފުން ވަނީ ތަމްރީނު ކުރެވިފައެވެ. މި ޚިދުމަތް ފެށުމަށް މަގުފަހިކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ އަމީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *