Tuesday, 28 July 2026

މެޖޯރިޓީ އޮތް ނަމަވެސް މަޖިލިސް ކޮންްޓްރޯލް ކުރަނީ ރައީސެއް ނޫން: އަބްދުއްރަހީމް

ރާއްޖޭގެ ވެރިކަންކުރާ ޕާޓީ ޕީޕީއެމް އަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވީނަމަވެސް، މަޖިލިސް ކޮންްޓްރޯލް ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫންކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދިޔަ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މައްސަލައިގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެފައިވަނީ މަޖިލީހަކީ ރައީސްގެ ކޮންޓްރޯލުގައިވާ ތަނެއް ކަމަށާއި، މަޖިލިސް އޮޕަރޭޓުކުރަމުންދަނީ ބޮޓުންތަކެއް އޮޕަރޭޓުކުރާ ގޮތަށް ކަމަށެވެ.

މަޖިލިސް ހިނގަނީ ގަވާއިދުތަކާ އެއްގޮތަށް

މިކަމަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސް ހިނގަމުންދަނީ މަޖިލިސް ހިންގަން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މުޅި މަޖިލީސް ކޮންޓްރޯލު ކުރައްވަނީ ރައީސް ކަމަށާއި، މަޖިލީހުގެ ރިޔާސަތު ކޮންޓްރޯލު ކުރައްވަނީ ރައީސް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވެފައިވަނީ ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮތްނަމަވެސް، އެއީ ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު މަޖިލިސް ކޮންޓްރޯލު ކުރާ ކަމަށް ބުނެ ވާހަކަ ދެއްކޭނެ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެކެވެ. އަދި މިއީ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމަކާ ނުލައި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެގެން މަސައްކަތް ކުރެވޭ ގޮތަށް އޮތް ނިޒާމެއް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *