Tuesday, 28 July 2026

މަރިޔަމް ޒުބައިރު ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ މެޑަމް ސާޖިދާ ކުށްވެރި ކުރައްވައިފި

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރޭ ހިނގި މި ހާދިސާއާ ގުޅިގެން ފަސްޓް ލޭޑީ ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކަށް މިފަދަ ގޮތަކަށް ހަމަލާދީ އުނދަގޫކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ވަގުތަކީ ނާޒުކު ވަގުތެއް ކަމަށް ވާތީ، ކަންކަން އިތުރަށް ހަލަބޮލި ނުކޮށް، އިންސާފު ގާއިމުކުރުމަށް ފުރުސަތު ދިނުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

މަންދީއަށް ހަމަލާ ދީފައިވަނީ އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ނިމުމަށްފަހު، ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެއިން ނުކުމެ ގެއަށް ދަނިކޮށެވެ. މާސްކާއި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ސައިކަލެއްގައި އައިސް އޭނާގެ ގަޔަށް ވަނީ ކަޅުތެޔޮ އަޅާފައެވެ.

މި ހަމަލާ އަމާޒުވެފައިވަނީ، ފަސްޓް ލޭޑީގެ ދަރިކަލުންނާ ގުޅުވައިގެން މަންދީ ދައްކާފައިވާ ކަމަށް ބެލެވޭ ވާހަކަތަކަކާ ގުޅިގެން، އޭނާގެ މައްޗަށް މަދަނީ ދަޢުވާއެއް އުފުލުމަށް ނިންމާފައިވަނިކޮށެވެ. މި މައްސަލައިގައި މަންދީ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ވެސް ވަނީ ބަޔާން ނެރެ، މި ޢަމަލު ކުށްވެރިކޮށްފައެވެ. އަދި މައްސަލަ ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *