Tuesday, 28 July 2026

ބްރޯޑްކޮމުން ފަޒީން އިސްތިއުފާ ދެއްވައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުހައްމަދު ފަޒީން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މި އިސްތިއުފާ ދެއްވާފައިވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އޭނާ ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

ފަޒީންގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، މިނިވަންކަމާ އެކު ކޮމިޝަންގެ މެމްބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަކީ މި ވަގުތު ވެވެން ނެތް ކަމަކަށް ވާތީ އިސްތިއުފާ ދެއްވަން ނިންމެވި ކަމަށެވެ. އަދި މިނިވަން ދިމިގްރާތީ މުޖުތަމައެއް ދެމެހެއްޓުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތްކުރާ މީހެއްގެ ގޮތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ފަޒީންގެ ގާނޫނީ ވަކީލު ވިދާޅުވެފައިވާ ގޮތުގައި، 2021 ގެ މާޗު 7 ގައި މަގާމަށް އައްޔަންކުރި ހިސާބުން ފެށިގެން އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކޮށްފައިވަނީ ވަކި ފަރާތަކަށް ނުޖެހި، ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކޮށްދިނުމަށެވެ.

ފަޒީންގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން އޭނާގެ ވަކީލު ވިދާޅުވެފައިވަނީ، މައްސަލަ ތަހުގީގުކުރުމުން ވެސް "ބުނި ބުނުން" ފިޔަވައި ގުޅުވާލެވޭނެ އިތުރު އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ދެއްކިފައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ އެތައް އިދާރާއަކުން އެއްފަހަރާ މައްސަލަ ތަހުގީގު ކުރަނީ ވަކި މަގުސަދެއް ހާސިލްކުރުމަށްޓަކައި އާދަޔާ ހިލާފު ނުފޫޒެއްގެ ބާރުގައި ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ފަޒީން އިސްތިއުފާ ދެއްވާފައިވަނީ އޭނާ ވަކިކުރުމާ މެދު މިއަދު ހެނދުނު 11 ޖަހާއިރު ކޮމިޓީން ވަކި ގޮތެއް ނިންމަން ފާސްކޮށްފައި އޮއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *