Tuesday, 28 July 2026

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އިންޑިއާއަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މާދަމާ އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިއްޖެއެވެ. މިއީ އެމަނިކުފާނު ފޮރިން މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވޭ ރައިސީނާ ޑައިލޮގްގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މާދަމާ މި ދަތުރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގައި މިނިސްޓަރު ޚަލީލް އިންޑިއާގެ އިސް ފަންތީގެ ބޭފުޅުންނާއެކު ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެވިގެންދާނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށާއި، މި ކަމުގައި އަޑު އުފުލުމަށެވެ.

ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އޮބްޒާވަރ ރިސާރޗް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ ޖިއޯޕޮލިޓިކަލް އަދި ޖިއޯއިކޮނޮމިކް ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ލީޑަރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، މާހިރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *