އިންޑިއާއާއި ފިލިޕީންސްއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުންދާ ޤައުމީ ޓީމުގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ސްޕޯޓްސް މިނިސްޓަރ ރާފިޢު ޢަބްދުލް ޙަކީމް ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފިއެވެ.
ޤައުމީ ޓީމުގެ އެންމެ ފަހުގެ ތަމްރީނު ސެޝަނަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ފުޓްބޯޅަ ސީޒަން ނުފެށި އޮތް ނަމަވެސް، ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން ދައްކަމުންދާ ޕްރޮފެޝަނަލްކަމާއި އެއްބާރުލުމަކީ އުފާކުރާ ކަމެކެވެ.
މިވަގުތު އެފްއޭއެމްގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ފީފާ އާއި އޭއެފްސީގެ އިރުޝާދުގެ ދަށުން ކުރިއަށްދާއިރު، ސަރުކާރުން ވެސް ވަނީ އެފްއޭއެމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. މީގެ ތެރޭގައި ކުލަބުތަކަށް ދެއްވާ މާލީ އެހީތެރިކަމާއި، އަންނަ ސީޒަނަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތަކަށް ދެއްވާ އެއްބާރުލުން ހިމެނެއެވެ.
ޤައުމީ ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކުރައްވަމުން ވަޒީރު ވިދާޅުވީ، "ޤައުމީ ޖާޒީގައި ކުޅޭއިރު ރީތި އަޚްލާޤާއި ޤައުމީ ރޫޙު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. ތިޔަ ކުޅުންތެރިންނަކީ ޒުވާން ޖީލަށް ރީތި ނަމޫނާއެއް" ކަމަށެވެ.
އެފްއޭއެމް މިހާރު ހިންގަމުންދަނީ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ. މި ކޮމިޓީ އުފެއްދެވީ އެފްއޭއެމްގައި ހިނގި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އިދާރާ ދަރަނިވެރިވެ، މާލީ ހާލަތު ދަށްވުމާ ގުޅިގެންނެވެ. އެހެންނަމަވެސް މިހާރު އަންނަނީ އެކި ދާއިރާތަކުން ކުރިއެރުންތަކެއް ފެންނަމުންނެވެ.


