ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ރޭ ހަވާލުކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެކުގައެވެ. މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުންގެ 91 އަހަރުގެ ތާރީޚުގައި މިހާތަނަށް މުޅި ރާއްޖޭގައި ހުރީ ޖުމުލަ 17 އަމިއްލަ ސްޓޭޝަން ކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް ފުލުހުންގެ ޚިދުމަތް ގާއިމުނުވެވާ 70 ރަށެއް އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މި މަޝްރޫޢުގެ ސަބަބުން، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ޚިދުމަތް ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކު ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިގެންދާނެއެވެ.
މި މަޝްރޫޢު ނިމުމުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެ ކަމަށާއި މީގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ޚަރަދު ކުޑަކޮށް، ޚިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެ ކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.


