މާލޭގެ މާވެޔޮ މަގުގައި ހުރި މޭވާ ވިއްކާ ފިހާރައެއް ކަމަށްވާ "ފާމާސް މާކެޓް" ގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ދިމާވެފައިވަނީ ކަރަންޓު ޝޯޓުވުމުގެ ސަބަބުންނެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ދައްކާގޮތުގައި، ކަރަންޓު ބޯޑު ކައިރީގައި ހުރި މޭވާ ރެކުގައި ހުރި ބައެއް މޭވާތަކަށް އަލިފާނުގެ އަސަރު ކޮށްފައިވެއެވެ. މި ހާދިސާއާ ގުޅިގެން ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ފިހާރައިގެ މޭވާ ރެކުތަކުގައި އަލިފާން ރޯވެފައިވާ މަންޒަރާއި، އެ އަލިފާން ނިއްވުމަށް މީހަކު މަސައްކަތްކުރާ މަންޒަރެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އަލިފާން ނިއްވާލެވިފައިވަނީ އެ ފިހާރައިގެ މުވައްޒަފުންގެ މަސައްކަތުންނެވެ. ނަމަވެސް މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލީ މަޢުލޫމާތު އަދި ހާމަކުރެވިފައެއް ނުވެއެވެ.


