އިންޑިއާގެ ހައި ކޮމިޝަނާއި ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) ގުޅިގެން ރާއްޖޭގައި އިންވެސްޓްކުރުމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑިއާގެ 50 އަށްވުރެ ގިނަ ކުންފުނިތަކުން ބައިވެރިވިއެވެ.
އިންޑިއާ ހައިކޮމިޝަނުން ހާމަކުރިގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ވިޝަން ޑޮކިއުމަންޓް ފޯ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ޕާޓްނަރޝިޕްގައި ފާހަގަކޮށްފައިވާ ދާއިރާތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންނެވެ. މީގެ ތެރޭގައި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ދާއިރާ ހިމެނެއެވެ.
ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީއަކީ އިންޑިއާގެ ވިޔަފާރިތަކުގެ އިސް ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާއިން އިންޑިއާގެ ސަރުކާރާއި، ވިޔަފާރިތަކާއި އަދި މަދަނީ މުޖުތަމައުއާ ގުޅިގެން އިންޑިއާގެ ތަރައްގީއަށް މަގުފަހިކުރުމަށް މަސައްކަތްކުރެއެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އިންޑިއާގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.


