ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕަސަންގެ މަގާމުގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެކަހެރިކޮށް، ޕާޓީ ހިންގުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހާ މިއަދު ހަވާލުކޮށްފިއެވެ.
ޕީއެންސީގެ އިތުރުބާރު ހުރި މަސްދަރަކުން މައުލޫމާތު ދެއްވި ގޮތުގައި، ފަލާހާ ޕާޓީ ހިންގުން ހަވާލުކުރުމަށް އެ ޕާޓީގެ އިސް ބޭފުޅުން ނިންމެވީ މިއަދުއެވެ. ނަމަވެސް މި ނިންމެވުމަށް ވާސިލުވި ސަބަބުތަކާ ގުޅޭގޮތުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ޕީއެންސީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޗެއާޕާސަންގެ މަގާމަކީ ޕާޓީގެ ރައީސަށް ފަހު އެންމެ އިސް މަގާމެވެ. އަދި ޗެއާޕާސަންގެ މަސްއޫލިއްޔަތަކީ ޕާޓީގެ ރައީސްގެ ލަފައާ އެކު ޕާޓީގެ އަސާސީ ގަވައިދާއި ސިޔާސަތުތަކާ އެއްގޮތަށް ޕާޓީ ހިންގުމެވެ.
މި ބަދަލު އައިސްފައިވަނީ ޕީއެންސީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަތަކެއް ޖެހި، ދެ ބޭފުޅުންގެ ގުޅުމަށް ބޮޑު ހީނަރުކަމެއް އައިސްފައިވަނިކޮށެވެ. މީގެ ކުރިން، މިދިޔަ ޖެނުއަރީ މަހު، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެއްވުމާ ގުޅިގެން "ދެ ބޭފުޅުންގެ ގުޅުން ރަނގަޅު ނަމަ، ރައީސް މުއިއްޒު އެފަދަ ފިޔަވަޅެއް ނާޅުއްވާނެ" ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
އަދި މީގެ އިތުރުން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ އާއިލީ ބޭފުޅެއް ކަމަށްވާ މުހައްމަދު ވަޖީދު އިބްރާހިމް ވެސް މިދިޔަ މަހު ކުރީކޮޅު އެ މަގާމުން ވަކިކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ޕީއެންސީގެ ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.


