Tuesday, 28 July 2026

ޑްރަގް އޮޕަރޭޝަނެއްގައި ވިލިގިލިން ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ވިލިގިލިން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނުގައި 240،000 ރުފިޔާއަށް ވުރެ ގިނަ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ވަނީ އަތުލައިގަނެފައެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓަރ 1 / މާލެ، މުހައްމަދު ސިމްރާޙް (43އ) އަދި ގދ. ރަތަފަންދޫ / ޒަމާނީއާގެ، ސަލާޙު ޝިހާބް (45އ) އެވެ.

މި މީހުން ހައްޔަރުކޮށް ބަލައި ފާސްކުރުމުގައި ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ވަގުތީ ބަރުދަނަކީ 57.78 ގްރާމެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ކަމަށް ބެލެވޭ 241،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ވެސް ވަނީ އަތުލައިގަނެވިފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ތިން މީހުންގެ ތެރެއިން އިބްރާހީމް އިމާދު ވަނީ ކޯޓުން ދޫކޮށްލާފައެވެ. ނަމަވެސް އޭނާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފައެވެ. އަދި ދެން ތިބި ދެ މީހުން ކަމުގައިވާ މުހައްމަދު ސިމްރާޙް އާއި ސަލާޙު ޝިހާބްގެ ބަންދުގެ މުއްދަތުގެ ގޮތުގައި ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *