Tuesday, 28 July 2026

ވަކި ބަޔަކަށް ފްލެޓު ދޭންވެގެން ބަޔަކު އުނިކުރި ވާހަކަ ސަރުކާރުން ދޮގުކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލި ފްލެޓު ލިސްޓުން، ވަކި ބަޔަކަށް ފްލެޓު ދޭންވެގެން ބަޔަކު އުނިކުރި ކަމަށް އެމްޑީޕީން ކުރި ތުހުމަތު ސަރުކާރުން ރޭ ވަނީ ދޮގުކޮށްފައެވެ.

އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް ރައްދު ދެމުން، ސަރުކާރުން 12 ސޮފްހާގެ ބަޔާނެއް ޕީއެންސީގެ މަޖިލީސް މެންބަރުންގެ ގްރޫޕަކަށް ހިއްސާކޮށްފައިވެއެވެ. މި ބަޔާން ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރެއްވީ އެ ގްރޫޕުގެ އެޑްމިން، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް ވިދާޅުވެފައިވަނީ، "ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒުގެ ކެމްޕޭނުގައި މަސައްކަތްކުރި ބައެއް ފަރާތްތަކަށް ފްލެޓު ދޭން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާތީ، އެ ފަރާތްތަކަށް ޖަގާ ދިނުމަށްޓަކައި ގަސްތުގައި ގިނަ ބަޔަކު ޑިސްކޮލިފައި ކޮށްފައިވާ" ކަމަށެވެ.

ނަމަވެސް ސަރުކާރުން މިކަން ދޮގުކޮށް ބުނެފައިވަނީ، ވެރިފިކޭޝަންގައި މީހެއްގެ ފޯމެއް ގޯސްކޮށް ބެލިފައި އޮތްނަމަ އެކަން ރަނގަޅުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބާކީވި ފްލެޓުތަކަށް އަމަލުކުރާނީ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންގޮސް، އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތްތަކަށް ފްލެޓު ކަނޑައެޅިގެން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

"ފޯމް ހުށަހެޅިއިރު ދީފައިވާ މައުލޫމާތު ބަދަލުކުރުމަށް، އަދި އިތުރު ލިޔުން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ. އެހެންކަމުން ވަކި ބަޔަކަށް ދިނުމަށް ފްލެޓްތަކެއް ހުސްކުރީއޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް،" ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *