Tuesday, 28 July 2026

ބަލިވެފައިވާ ކޮތަރުތަކާއި ގާތް ނުވުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން އިލްތިމާސް ކޮށްފި

މާލެ ސަރަހައްދުން ފެންނަމުންދާ ބަލިވެފައިވާ ނުވަތަ މަރުވެފައިވާ ކޮތަރުތަކާ ގާތް ނުވުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ. މިކަން މިގޮތަށް އިލްތިމާސް ކޮށްފައިވަނީ މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކޮތަރުތައް މަރުވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ހަގީގަތް ދެނެގަތުމަށް ނެގުނު ސާމްޕަލްތަކުގެ ތަހުލީލު ނަތީޖާއިން ދައްކާގޮތުން، ކޮތަރުތަކަށް ޖެހިފައިވަނީ އިންފެކްޝަން ކޮރައިޒާ ނަމަކަށް ކިޔާ ބައްޔެކެވެ. މި ބަލި ޖެހެނީ އެވިބެކްޓީރިއަމް ޕެރެގެލިނޭރަމް ނަމަކަށް ކިޔާ، ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ޖަރާސީމެއްގެ ސަބަބުންނެވެ.

މިނިސްޓްރީގެ ތަހުލީލުތަކުން ދައްކާގޮތުގައި، މި ކޮތަރުތަކަށް ކެންޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައްވެސް ޖެހިފައިވެއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން ފެން އައުން، ކެއްސުން، ނޭވާލުމަށް އުނދަގޫވުން، އަދި ބޮލާއި މޫނު ދުޅަވުން ހިމެނެއެވެ. އަދި މި ބަލި ބޮޑުވުމުން ކޮތަރުތައް މަރުވަމުންދާކަންވެސް ފާހަގަކުރެވިފައިވެއެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި، މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި ކޮންޓްރޯލު ކުރެވޭ ބައްޔެކެވެ. އަދި މި ބަލީގެ ސަބަބުން އިންސާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެކަން ކަށަވަރުކޮށްދީފައިވެއެވެ.

ނަމަވެސް، ރައްކާތެރިކަމުގެ ގޮތުން ކުޑަކުދިން މަރުވެފައިވާ އަދި ބަލިޖެހިފައިވާ ކޮތަރުތަކާ ކައިރި ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޮޑެތި މީހުންވެސް މިފަދަ ކޮތަރުތަކާ މުޢާމަލާތް ކުރާއިރު ރައްކާތެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށް އަންގާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *