ރަމަޟާން މަހާ ދިމާކޮށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ ދަށުން މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ބަލައި ފާސްކުރުމުގެ ތެރެއިން ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިޔަ 2 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، މިދިޔަ މަހުގެ 18 ވަނަ ދުވަހު ހިންގި އެހެން އޮޕަރޭޝަނެއްގައި 5 ތަނެއް ބަލައި ފާސްކުރުމަށްފަހު، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު 2 ބިދޭސީއަކުވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވެމުންދާކަން ފާހަގަކުރެވެއެވެ.
އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ފާއިތުވި އަހަރުގެ ތެރޭގައި 6000 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ އަމިއްލަ ގައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ.


