ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވޮލޮޕްމަންޓް ބޭންކްއޮފް މޯލްޑިވްސް (ޑީބީއެމް) އިފްތިތާހު ކޮށްފި އެވެ.
މި ބޭންކް ގާއިމްކޮށްފައި ވަނީ އެސްއެމްއީ ހަބް ކުރިން ހުރި އިމާރާތުގައެވެ.
މި ކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކުން ދަރަނީގެ އިތުރުން، މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ތައާރަފު ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އިކުއިޓީ ފައިނޭންސް، ސިންޑިކޭޝަން އަދި ރިސްކް އިންޝޫރެންސް ހިމެނޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، އެ ބޭންކަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށާއި، ކުދި ވިޔަފާރިތަކަށް ހިދުމަތް ފުޅާ ކުރުމަށް ލިބިގެންދާނެ އެހީއަކަށް ވެގެންދާނެ ކަމަށެވެ.
މި ޑިވެލޮޕްމެންޓް ބޭންކް ހުޅުވުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ދީފައިވަނީ މިދިޔަ އޮކްޓޯބަރު މަހު އެވެ.
ރޭ އިފުތިތާހު ކުރި ޑިވެލޮޕްމެންޓް ބޭންކުން ރާއްޖޭގެ ތަރައްގީ ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި އެކަން ފާހަގަ ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި މި އިދާރާ ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެންމެންގެ މައްޗަށް ވެސް އޮތް ޒިންމާއެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ، ކަމާގުޅުހުންހުރި ސްޓޭކްހޯލްޑަރުންނާއި، ރެގިއުލޭޓަރީ އޮތޯރިޓީތަކާއި ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ވިޔަފާރިވެރިތަކަށް ގޮވާލައްވައިފައެވެ.
ޑިވެލޮޕްމެންޓް ބޭންކު އިފުތިތާހު ކުރެއްވުމަށް ފަހު ރައީސް ވަނީ އެތަން ބައްލަވާލައްވައިފައެވެ.
ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހުއެވެ.


