ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓު ގެއްލިގެން ހޯދަމުންދަނިކޮށް މިއަދު މެންދުރު ފަހު އެ ބޯޓު ފެނުނު އިރު، ބޯޓުގެ ކެޕްޓަން އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި ލ. އަތޮޅުން އިއްޔެ ރޭ 10:00 ހާއިރު ހުވަދު އަތޮޅަށް ފުރި އެ ބޯޓު ގެއްލިގެން އެމްއެންޑީއެފްއިން މިއަދު ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ލިބުނީ މިއަދު 13:25ހާއިރު ކަމަށާއި، ބޯޓު ހޯދުމުގެ މަސައްކަތް ކުރަނިކޮށް އެކެފަރަ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. ބޯޓު ފެނުމާއެކު ކެޕްޓަންއަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށެވެ.
އެއީ ކޮލަމާފުށީ، އާދަމް ސައީދު ކިޔާ އުމުރުން 66 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އިތުރު ތަފްސީލެއް މިވަގުތު ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވާއިރު، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.


