Friday, 11 September 2026

ކުދި ގައުމުތަކުގެ އިގްތިސާދު ދަރަނި ދެއްކުމަށް މާލީ އެހީތެރިކަން ބޭނުންވޭ: ރައީސް

ކުދި ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި އިންތިހާ އަށް ބޮޑުވުން ކަމަށާއި އެފަދަ ގައުމުތަކަށް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓު ސާވިސް (ޑީއެސްއެސްއެސް) ނުވަތަ ދަރަނި ދެއްކުމުގައި ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އެ ބައްދަލުވުމުގެ ކުރިން ބޭއްވި ސްމޯލް އައިލެންޑްސް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސިޑްސްގެ ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ގައުމުތަކުން ދައްކަން ޖެހޭ ދަރަނި އިތުރުވުން ކަމަށެވެ. ދަރަނި ދެއްކުމުގައި ހުރި ގޮންޖެހުންތަކަކީ ރާއްޖެއަށް އާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އާއި ސިޑްސްގެ އެހެން ގިނަ ގައުމުތަކުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަަސެންޓަށް ވުރެ މަތީގައި ކަމަށެވެ. މި އަހަރު ނިމޭ އިރު ރާއްޖޭގެ ޖުމްލަ ދަރަނި 129 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުދި ޖަރީޒާ ގައުމުތަކުން ދަރަނި އަދާކުރުމުގައި ލުއި، ފަހި ފުރުސަތުތަކެއް ހޯދައި ދޭން ޖެހޭ ކަން ފާހަގަ ކުރައްވައިފައެވެ. އަދި އެކަމުގައި ބައެއް ހައްލުތައް ވެސް އެމަނިކުފާނު ވަނީ ހުށަހަޅުއްވައިފައެވެ.

"ކްލައިމެޓް ފައިނޭންސާއި ޑެޓް ރިލީފް ވަރުގަދަ ކުރަން ޖެހޭ. އަދި ކުޑަ އިންޓްރެސްޓް ރޭޓޭއްގައި ދަރަނި އަދާކުރަން ފައިނޭންސް ލިބޭނެ ގޮތެއް ހޯދަން ޖެހޭ. އަދި ރީޕޭމެންޓްގެ މުއްދަތުތައް އިތުރުކޮށްދީ، ދަރަނި ރީސްޓްރަކްޗާ ކުރެވޭނެ ގޮތްތަކެއް ފަހިވާން ޖެހޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސިޑްސްގެ ގައުމުތަކުގެ އިގްތިސާދުތައް ބަރޯސާވެފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ މަދު ސިނާއަތެއްގެ މައްޗަށް ކަމަށާއި އިގްތިސާދު ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އިގްތިސާދު ސިންދިފާތު ކުރުމަކީ ހަމައެކަނި ހާސިލުކުރަން އޮތް އަމާޒެއް ނޫނެވެ. އެއީ ސިޑްސްގެ ގައުމުތައް ދެމިއޮތުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ގައުމުގެ އާމްދަނީގެ ބޮޑު ބައެއް މިވަގުތު ހޭދަކުރަން ޖެހެނީ ދަރަނި އަދާކުރުމަށް. އެހެންވެ، ގައުމުގެ އިގްތިސާދަށް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސިޑްސްގެ ގައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް އަލުން އެކަށައެޅުމަށް ރައީސް ޑރ. މުއިއްޒު ވަނީ ހުށަހަޅުއްވައިފައެވެ. މިގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިގްތިސާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅު އަލިއަޅުއްވާލެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *