ރާއްޖެގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހު ކޮށްފިއެވެ.
މި ގޭޓްވޭ އިފްތިތާހުކޮށްދެއްވީ ރޭ ހއ. އުލިގަމުގައި ބޭއްވި ރަސްމިއްޔާތުގައި، ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ، ޖަސްޓިސް ރިޓަޔާޑް އިދުރީސް އާދަމެވެ.
އެމްޕީއެލް އާއި އެސްޓީއޯ ގުޅިގެން އުތުރުގައި އޮފް ޝޯ ބަންކަރިން ހިދުމަތް ދޭއިރު، ބޯޓުތަކަށް ބޭނުންވާ އެހެނިހެން ހުރިހާ ހިދުމަތެއް ދޭނީ އެމްޕީއެލް އިންނެވެ. އެމްޕީއެލްއިން މި ހިދުމަތް ދިނުމަށްޓަކައި މިހާރު އެކަމަށް ހާއްސަ ވެބްސައިޓެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ.
އުތުރުގައި ގާއިމުކުރި މި ފެސިލިޓީން އޮފް ޝޯ ބަންކަރިން ހިދުމަތް ދެމުން ގެންދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެންނެވެ. ބޯޓުތަކަށް ބޭޏުންވާ އެހެނިހެން މެރިޓައިމް ހިދުމަތްތައް ފޯރުކޮށްދޭނީ އެމްޕީއެލުންނެވެ.
މެރިޓައިމް ހިދުމަތުގެ ތެރެއިން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ޕައިލޮޓޭޖް ހިދުމަާއި، ޔޮޓް ޑޮކިންގް ސާވިސްއާއި، ބޯޓު ކްރޫ ބަދަލު ކުރުމުގެ ހިދުމަތާއި، ފެނަކަ ކުންފުންޏާއި ގުޅިގެން ބޯޓުތަކަށް ފެން ފޯރުކޮށްދިނުމުގެ ހިދުމަތެވެ.
އަދި ބޯޓުތަކަށް ބޭނުންވާ އެހެނިހެން ސަޕްލައިތައް ފޯރުކޮށްދިނުމާއި، ކުޅުދުއްފުށި ޕޯޓު މެދުވެރިކޮށް މެއިންޓެނަންސް ހިދުމަތުގެ އިތުރުން އެމްޓީސީސީ މެދުވެރިކޮށް އަޑީތެޔޮ ފަދަ ތަކެތި ފޯރުކޮށްދިނުމާއި، ވެމްކޯ މެދުވެރިވެ ބޯޓުތަކުން ކުނި އުކާލުމުގެ ހިދުމަތްވެސް ދޭނެއެވެ.


