މިއަދު ރަޝިއާގެ ކަމްޗަޓްކާ ސަރަހައްދަށް އައި ވަރުގަދަ ބިންހެލުމުގެ ނުރައްކަލެއް ދިވެހިރާއްޖެއަށް ނެތް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.
މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދެމުން ބުނީ، ރަޝިއާގެ ކަމްޗަޓްކާގެ އިރު އުތުރު އައްސޭރިއަށް އައި ބިންހެލުން ރެކޯޑުކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 7.2 ގެ ބާރުމިނުގައި ކަމަށެވެ. މި ބިންހެލުން އައީ ރާއްޖެ ގަޑިން މިއަދު ހެނދުނު 7:37 ގައެވެ.
އިދާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި ބިންހެލުން އައި ސަރަހައްދާއި ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ދެމެދު ވަނީ 9،421 ކިލޯމީޓަރުގެ ދުރުމިނެކެވެ. މި ދުރުމިނުގެ ސަބަބުން ބިންހެލުމުގެ އެއްވެސް ސީދާ އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.


