ރައީސް ޑރ. މުހައްމަދު މުއިއްޒު، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލް ސާނީއާ މިއަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި، އިޒްރޭލުން ޤަޠަރަށް ދިން ހަމަލާގައި މަރުވި ފަރާތްތަކަށް ރައީސް މުއިއްޒު ތަޢުޒިޔާ ދަންނަވައި، ޤަޠަރުގެ ސިޔާދަތަށް އަރައިގަތުން ކުށްވެރިކުރައްވައިފި އެވެ.
ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސަރަހައްދީ ސުލްހަ އަދި ހަމަޖެހުން ދެމެހެއްޓުމަށް ޤަޠަރުން ކުރަމުންދާ މަސައްކަތަށް ތާއީދު ފާޅުކުރައްވައި، ކުއްލި އަރަބި-އިސްލާމީ ސަމިޓް ބޭއްވުމުގައި ޤަޠަރުގެ ލީޑަރޝިޕް ތަޢުރީފުކުރައްވާފައެވެ. އަދި ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޤަޠަރުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައި ވެއެވެ.
ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ގިނަ ދާއިރާތަކެއްގައި ދެފަރާތުގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި މި ބައްދަލުކުރެއްވުމުގައި، ޤަޠަރުން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށްޓަކައި ރައީސް މުއިއްޒު ވަނީ އަމީރަށް ޝުކުރު ދަންނަވާފައެވެ.
ރައީސް މުއިއްޒު ޤަޠަރަށް ވަޑައިގެންފައިވަނީ، އިޒްރޭލުން ދޯހާއަށް ދިން ހަމަލާއާ ގުޅިގެން މިއަދު ބޭއްވޭ އަރަބި-އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.


