އިސްލާމިކް މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އެއް ތަނަކުން ފެންނަ "މީޑިއާ މައުރަޒު" މިއަދު ހުޅުވައިފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުއްވައި ދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. މި ރަސްމިއްޔާތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އަދި ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ބައިވެރިވެވަޑައިގެންނެވިއެވެ.
މީޑިއާ މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހާތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާއާ ހިއްސާކުރެއްވުމަށް ބާއްވަވާ މައުރަޒެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ މަރުރަޒުގައި އެ މިނިސްޓްރީގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތައް ހުންނާނެ ކަމަށެވެ. އަދި އެތަންތަނުން އެ ދާއިރާއަކުން ކުރިއަށް ގެންދާ މައުލޫމާތުތައް ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިމައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވަރަށް ގިނަ ކަންތައްތަކެއް ފަށާފައިވާ ކަމަށާއި ގިނަ ކަންތައްތަކެއް މިހާރުވެސް ފުރިހަމަވެފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިމައުރަޒުން ވަރަށް ގިނަ މައުލޫމާތުތައް އެނގޭނެކަމަށެވެ. އަދި ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަރުކާރުގެ ވުޒާރާއަކުން ކުރާ މަސައްކަތްތައް އެނިވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މައުރަޒުގައި އިސްލާމިކް މިނިސްޓްރީގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތައް ހުންނާނެއެވެ. އޭގެތެރޭގައި:
1. ދިވެހިރާއްޖޭގެ ޒަކާތު ހައުސް
2. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް
3. މޮސްކް މެނޭޖްމެންޓް ސެކްޝަން
4. ޕަބްލިކޭޝަން ޔުނިޓް އަދި ޙަލާލް ސެޓްފިކޭޝަން ޔުނިޓް
5. ޙައްޖާއި ޢުމްރާއާ ބެހޭ ޔުނިޓް
6. އިސްލާމިކް ދަޢުވާ
7. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
8. މިނިސްޓަރ ބިއުރޯ
9. އައުޤާފް އެންޑް އިންފްރާސްޓަކްޗަރ ހިމެނެއެވެ.
މިނިސްޓްރީގެ މައުރަޒުގައި މި ދާއިރާތަކުން މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ހާސިލުވި ކަންކަން މީޑިއާތަކާ ހިއްސާކުރާނެ އެވެ.
މި މައުރަޒު މިއަދާއި މާދަމާ ހެނދުނު 9:00 އިން ހަވީރު 18:00 އަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


