ދާދި ފަހުން ދައުލަތުން އިއުލާނުކުރި ޚަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކައުންސިލް އިދާރާތަކުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަންގައިފިއެވެ.
އެގޮތުން ކުޅިވަރު މުބާރާތްތަކާއި ދަތުރުފަތުރާއި ހަފްލާތަކަށް ޚަރަދު ނުކުރުމަށް އެދި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރު މިއަދު ވަނީ ހުރިހާ ކައުންސިލް އިދާރާތަކަށް ސިޓީފޮނުއްވާފައެވެ.
މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވަނީ، އިޤްތިޞާދީ ގޮތުން ދިމާވެފައިވާ ހީނަރުކަމާއި، ދައުލަތުގެ ދަރަނި ބޮޑުވަމުންދާތީ، ޚަރަދު ކުޑަކުރުމަށް ދައުލަތުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކަމަށް ބޭނުންވާ ޚަރަދުތައް ފިޔަވައި، ޚަރަދު ކުޑަކުރުމަށް އިސްކަންދީގެން އެކަމަށް އެއްބާރުލުން ދެއްވުމަށް ކައުންސިލް އިދާރާތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.
އަދި ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ރާއްޖެއިން ބޭރަށް ދަތުރު ނުކުރުމަށާއި، ކުޅިވަރު މުބާރާތްތަކާއި އިވެންޓްތައް ބޭއްވުމަށް ރާވާފައިވާ ހަރަކާތްތައް ހުއްޓާލުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މާލެއަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް ވެސް އޭނާ ލަފާ ދެއްވިއެވެ.
އިޤްތިޞާދީ ހީނަރުކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ދާދިފަހުން ސަރުކާރުން ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އިޢުލާނުކޮށްފައެވެ.


