އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކަށް، ކަރަންޓު ދިނުމަށް މިފްކޯއިން ފުލުހުންގެ އެހީއާއެކު ކުރި މަސައްކަތުގައި ބާރުގެ ބޭނުން ކޮށްފައިވާނޭ ކަމަށް ފުލުން ބުނެފި އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު ފިޝަރީޒް ކޮމްޕްލެކްސްގެ އެ ބްލޮކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރި ވަގުތު އާންމުންގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ.
ފުލުހުން މެދުވެރިވެގެން ކަރަންޓު ދިންފަހުން އަނެއްކާވެސް އެއްވެފައިވާ މީހުން ވަނީ އެތަނުގެ ކަރަންޓު ކަނޑާލާފައެވެ.
ފުލުހުން އިތުރަށް ބުނީ މިހާރު އަނެއްކާވެސް އެތަނަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތަށް ދަނީ ކުރަމުން ކަމަށެވެ.
މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭތާ ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް ބުނެ އައްޑޫ މަސްވެރިން މަރަދޫގައި ހުންނަ މަސް ފެކްޓްރީ ކައިރީގައި ހުއްޓުމެއްނެތި މުޒާހަރާ ކުރާތާ މިއީ ހަތަރު ވަނަ ދުވަހެވެ.
ރުޅިގަދަވެފައިވާ މަސްވެރިން ދަނީ ލާރި ނުދީފި ނަމަ ފެކްޓްރީ ނުހިންގޭނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ.


